އ.ދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 2018 އިން 2020 ގެ ދައުރަށް މެންބަރުން ހޮވުމަށް، 16 އޮކްޓޯބަރ 2017 ގައި އދ. ގެ ޢާއްމު މަޖިލީހުގައި، ބޭއްވި އިންތިޚާބާ ގުޅޭގޮތުން ދިވެހި މީޑިޔާގައި ފެތުރެމުންދާ، ޙަޤީޤަތާ ޚިލާފު ވާހަކަތަކާ ގުޅޭގޮތުން، ކަންހިނގާފައިވާ ގޮތް ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.


މި އިންތިޚާބުގައި ރާއްޖެއިން ވާދަކުރުމަށް، ޖޫން 2016ގައި ހުށައެޅި ކަމުގައި ވީނަމަވެސް، މި ދައުރުގެ އިންތިޚާބުގައި ވާދަނުކޮށް، ފަހުގެ ދައުރަކަށް ކުރިމަތިލުމަށް ނިންމާ، ދިވެހި ސަރުކާރުންވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު، މިކަން އ.ދގެ ކަމާބެހޭ ފަރާތްތަކަށާއި މެންބަރު ޤައުމުތަކަށް އަންގާފައެވެ. މިހެން ނިންމާފައިވަނީ ސަރަޙައްދީ އެއްބާރުލުމަށް ވާގިި ދިނުމަށާއި، އ.ދ. ގެ ސަލާމަތީ މަޖިލީހުގެ 2019 އިން 2020 ގެ ދައުރަށް ދިވެހިރާއްޖެއިން ކުރިމަތިލާފައިވާތީ، އެކަމަށް އިސްކަން ދިނުމުގެ މަޤްޞަދުގައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން 2010ން 2013 ވަނަ އަހަރަށް، 2014ން 2016 ވަނަ އަހަރަށް އ.ދ ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ދެ ދައުރަކަށް، ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން ދިވެހިރާއްޖެވަނީ ހޮވިފައެވެ. އަދި މި ދެ ދައުރުގައި ކައުންސިލްގެ މެންބަރެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތައް މެންބަރު ޤައުމުތަކުން ވަނީ ބަލައިގެންފައެވެ.

އެހެންކަމުން، މި ފަދަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ކުރިން، ތެދު ދޮގު ބައްލަވައި، ޙަޤީޤަތާ އެއްގޮތަށް، ޞައްޙަ މަޢުލޫމާތު ފޯރުކޮށް ދިނުމަށް އެންމެހައި ފަރާތްތަކަށް ތަކުރާރުކޮށް އިލްތިމާސް ކުރަމެވެ.