ޕާކިސްތާނުން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ސަޢީދް ޚަވާރް ޢަލީ ޝާހް، އެ މަނިކުފާނުގެ ސަފީރުކަމުގެ މުއްދަތު ހަމަކުރައްވައި މި ހިނގާ އޮކްޓޯބަރު މަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާތީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް، ވަދާޢީ މެންދުރުގެ ފަރިއްކޮޅެއް މިއަދު ދެއްވައިފިއެވެ.

މިއަދު ބޭއްވުނު ވަދާޢީ ފަރިއެްކޮޅުގައި މިނިސްޓަރ އާސިމް ވާހަކަފުޅު ދައްކަވަމުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ސަފީރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވައި، ޕާކިސްތާނުން ރާއްޖެ އަށް ދެމުންގެންދާ ގިނަގުނަ އެހީތަކަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

 ހަމަ މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އާސިމް އާއި ޚާރިޖީ ވުޒާރާއިންނާއި ދިވެހި ސަރުކާރުގެ އެހެނިހެން އިދާރާތަކުން ދެއްވި އެއްބާރުލެއްވުމަށް ޕާކިސްތާން ސަފީރު ޝުކުރު އަދާކުރެއްވިއެވެ.

 ޕާކިސްތާން އެމްބަސީގެ އިސް އޮފިޝަލަކާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ އިސްބޭފުޅުން އެ ފަރިއްކޮޅުގައި ބަައިވެރިވެވަޑައިގަތެވެ.