މި ސެޕްޓެމްބަރު މަހުގެ 11އިން 29 އަށް ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 36 ވަނަ ސެޝަން (ހިއުމަން ރައިޓްސް ކައުންސިލްގެ 36 ވަނަ ސެޝަން)  މިއަދު ނިމިއްޖެއެވެ.

މި ސެޝަން ގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފްދުގެ ފަރާތުން 18 ސްޓޭޓްމަންޓް ދިނުމުގެ އިތުރުން މި ސެޝަންގައި ފާސްކުރެވުނު 35 ޤަރާރާއި 1 ޑިސިޝަންގެ މަޝްވަރާ ބައްދަލުވުންތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވިއެވެ. މި ސެޝަންގައި ސްޕެޝަލް ޕްރޮސީޖަރ މެންޑޭޓް ހޯލްޑާސްގެ 7 މަޤާމަށް ފަންނީ މާހިރުން ޢައްޔަންކޮށް، ހިއުމަން ރައިޓްސް ކައުންސިލްގެ އެޑްވައިސަރީ ކޮމިޓީއަށް 7 މެންބަރުން ހަމަޖެއްސުނެވެ.

 ދިވެހިރާއްޖެއިން ބައިވެރިވި ވަފުދުން، 36 ވަނަ ސެޝަންގެ ޕްރޮގްރާމް އޮފް ވާރކްގައި ހިމެނޭ އެނުއަލް ރިޕޯޓް އޮފް ދަ ހައި ކޮމިޝަނަރަ ފޮރ ހިއުމަން ރައިޓްސް ގެ އަހަރީ ރިޕޯޓަށް ޖަވާބުދާރީވުމާއި، މިޔަންމާގައި ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ ހިނގަމުން އަންނަ ލާ އިންސާނީ އަމަލުތައް ކުށްވެރިކޮށް، އެޢަމަލުތައް ހުއްޓުވުމަށް ބައިނަލް އަޤްވާމީ މުޖުތަމަޢުން ގޮވާލާ ގޮވާލުންތަކަށް ރާއްޖޭން ތާއީދުކުރާކަންހާމަކޮށް ސްޓޭޓްމަންޓެއް ދިނުމުގެ އިތުރުން، ސީރިއާ އާއި ފަލަސްތީނުގައި ހިންގަމުން އަންނަ އިންސާނީ ޙައްޤުތަކާ ޚިލާފް އަމަލުތައް ހުއްޓުވުމަށް ގޮވާލާ ސްޓޭޓްމަންޓްދިނެވެ. އަދި އެކިއެކި ތީމެޓިކް ދާއިރާތަކުގެ ތެރޭގައި ހިމެނޭ، އިންޓެރެކްޓިވް ޑައިލޮގް އޮން ރައިޓް ޓު ވޯޓާރ އެންޑް ސެނިޓޭޝަން، ރައިޓްސް އޮފް އޯލްޑަރ ޕަރސަންސް ،ރައިޓް ޓު ޑިވެލޮޕްމަންޓް އާއި އަންހެނުންގެ ހައްޤުތަކާއިބެހޭ ދެ ޕެނެލް ޑިސްކަޝަންގައިވެސް ދިވެހިރާއްޖޭގެ ސިޔާސަތު ހާމަކޮށް ރާއްޖޭގެ ވަފްދުގެފަރާތުން ސްޓޭޓްމަންޓް ދެވުނެވެ.

 ޔޫ.އެން ހިއުމަން ރައިޓްސް ކައުންސިލްގެ މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ، ރާއްޖެއިން އިސްކަންދޭ ދާއިރާތަކާއި ގުޅުން ހުރި ޤަރާރުތަކަށް ރާއްޖޭގެ ފަރާތުން ކޯ ސޮޕްންސާރ ކުރިއެވެ. އަދި މީގެ އިތުރުން ކައުންސިލްގައި ފާސްކުރެވިގެންދިޔަ 'ޑިސިޝަން އޮން އެކްސްޓެންޑިންގް ދަ މެންޑޭޓް އޮފް ދަ އިންޑްޕެންޓެންޓް ފެކްޓް ފައިންޑިނގް މިޝަން އޮން މިޔަންމާ' ރާއްޖެއިން ކޯ ސްޕޮންސާރ ކުރިއެވެ. އަދި، މީގެ އިތުރުން، ކައުންސިލްގެ ހަވާސާގައި ބޭއްވުނު އަންހެނުންނާއި، ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ސައިޑް އިވެންޓްތަކުގައި ދިވެހިރާއްޖެއިން ބައިވެރިވިއެވެ.

 3 ހަފްތާގެ މުއްދަތަށް ކުރިއަށް ދިޔަ އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖްލީހުގެ 36 ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގެ އެންމެ އިސް ވެރިއަކަށް ހުންނެވީ ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ހާލާ ޙަމީދެވެ. އަދި އެ އެކަމަނާއާއެކު، އެ އޮފީހުގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޖެފްރީ ސާލިމް ވަހީދުއާއި ފަސްޓް ސެކްރެޓަރީ، އާއިޝަތު ޝަހުލާ މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 ޔޫއެން. ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަން ވިދިވިދިގެން 3 އަހަރުގެ ދެ ދައުރު، ޖުމްލަ 6 އަހަރު، ދިވެހިރާއްޖެއިން ފުރިހަމަކޮށް ނިމުނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ހިއުމަން ރައިޓްސް ކައުންސިލްއަކީ 47 މެންބަރުން ހިމެނޭ، ދުނިޔޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ބާރުއެޅުމަށް އަދި އެކަމާ ގުޅޭ އެންމެ އިސް މަޝްވަރާތަކާ ނިންމުންތައް ނިންމޭ މަޖްލީހެވެ. ދިވެހިރާއްޖެއިން ވަނީ އދ. ސަލާމަތީ މަޖިލީހުގެ 2019-2020 ދައުރުގެ މެމްބަރަކަށް ކުރިމަތިލާފައެވެ.