ލަންޑަންގައި "އިންޓަރނޭޝަނަލް ޑައިވަރސިޓީ ފެސްޓިވަލް 2017" ނަމުގައި ބޭއްވި އިވެންޓުގައި ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ބައިވެރިވެއްޖެއެވެ.

މި އިވެންޓުގައި ދިވެހިރާއްޖެ ތަމްސީލް ކުރުމުގެ ގޮތުން އިގިރޭސިވިލާތުގައި ދިރިއުޅެމުންދާ ދިވެހިންގެވެސް ބައިވެރިވުމާއެކު ރާއްޖޭގެ އާދަކާދައާއި ރާއްޖޭގެ ސުފުރާގައި ފެންނަ ޚާއްސަ ކާބޯތަކެތި ތައްޔާރުކޮށް ހުށަހަޅައިދިނެވެ. އަދި ފަތުރުވެރިކަން އިޝްތިހާރުކޮށްދިނުމަށް ފަތުރުވެރިކަމާބެހޭ މައުލޫމާތު ފޯރުކޮށްދީ ލުއިފޮތާއި ކޮތަޅުތައް ބައިވެރިންނަށް ބަހަމުންގެންދިޔައެވެ.

އައިޑީއެފްއެލް 2017 އަކީ ލަންޑަން ފަދަ ތަހުޒީބުވެފައިވާ މުހިންމު ތަނެއްގައި ތަފާތު ނަސްލުތަކަށް އިޙްތިރާމް ކުރާކަމާއި އެއް ސިޓީއެއްގައި އެކުގައި ދިރިއުޅުމަށް ތަރުހީބުދޭ ކަން ރަމްޒުކޮށްދިނުމަށާއި ވިޔަފާރީގެ ގުޅުމުގެ ތެރެއިން ގައުމުތަކުގެ ގުޅުން ބަދަހިކޮށް އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން ވިޔަފާރިތައް ތަރައްގީކޮށް އާލާކުރެވިދާނެ ކަން ހާމަކޮށްދިނުމަށް "ބްރިޓިޝް، އިންޑިއަން، ޓަރކިޝް ބިޒްނަސް ފޯރަމް" ގެ ފަރާތުން އިންތިޒާމްކުރި އިވެންޓެކެވެ. މި އިވެންޓުގައި 800 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. އަދި 50 އަށް ވުރެގިނަ ވިޔަފާރިތައް ތަމްސީލުކޮށްފައިވެއެވެ.

ލަންޑަންގެ، ރޯޔަލް ބަރާ އޮފް ކެންސިންގްޓަން އެންޑް ޗެލްސީ ޓައުން ހޯލް ގައި ބޭއްވި މި އިވެންޓުގައި ދިހަ ގައުމަކުން އެ ގައުމުތަކުގައި ބޭނުންކުރާ ތަފާތު ކާނާތައް ތައްޔާރުކޮށް ހުށަހަޅައިދިނެވެ. މިގޮތުން ރާއްޖޭގެ ތަފާތު ރަހަތައް ދައްކުވައިދޭ ބާވަތްތައް ރާއްޖޭގެ ސްޓޯލުން ހުށައަޅައިދިނެވެ. އަދި ރާއްޖޭގެ ސްޓޯލަށް ގިނަ ބަޔަކު ޒިޔާރަތްކޮށް ވަރަށް ބޮޑު ތަރްޙީބެއް ލިބުނެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މަގުބޫލުކަން އިގިރޭސިވިލާތުގެ ރައްޔިތުންގެ މެދުގައި އިތުރު ކުރުމުގެ ގޮތުން "އެޑްވެންޗަރސް މޯލްޑިވްސް" ތީމް އިޝްތިހާރުކުރުމާއެކު، ރާއްޖެއާ ބެހޭ ވީޑިއޯއެއް އިވެންޓުގައި ދެއްކުމާއި އިވެންޓާބެހޭ މެގަޒިންގައި ރާއްޖެއާއި ބެހޭ މަޒުމޫނެއް ޝާއިއުކުރެވުނެވެ.

އިގިރޭސިވިލާތުގައި ދިރިއުޅެމުންދާ ދިވެހިންގެ އެހީތެރިކަމާއެކު ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން އިނގިރޭސިވިލާތުގައި ބާއްވާ ތަފާތު މިފަދަ އިވެންޓުތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.