ތިރީގައި މިވަނީ، 14 ސެޕްޓެމްބަރ 2017 ގައި އ.ދ ގެ ޖެނެރަލް އެސެމްބްލީގެ  72 ވަނަ ސެޝަންގެ އެޖެންޑާގައި ހިމަނާނެ ކަންކަމާބެހޭ ގޮތުން އ.ދ ގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓާއި އެކަމުގައި ދިވެހިރާއްޖޭގެ ސިޔާސަތު އޮތް ގޮތާއި ގުޅޭގޮތުން، އ.ދ އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކޮށް ދެއްވި ބަސްދީގަތުމުގައި ފާހަގަކުރެއްވި މުހިންމު ނުކުތާތަކުގެ ޚުލާސާއެކެވެ. (މި ބަސްދީގަތުމުގެ ދިގުމިނަކީ 24 މިނިޓް 57 ސިކުންތެވެ. ބަސްދީ ގަތުމުގެ ވީޑިއޯ ފެނިވަޑައިގަންނަވާނެ ލިންކް އަކީ https://youtu.be/PgizL8imZYs  އެވެ.)

 

  • 14 ސެޕްޓެމްބަރ 2017 ގައި އ.ދ ގެ ޖެނެރަލް އެސެމްބްލީގައި ނެގީ ރޮހިންޔާ މުސްލިމުންނާ ގުޅޭގޮތުން ނެގި ވޯޓެއް ނޫނެވެ. އެ ވޯޓަކީ، މިއަހަރުގެ ސެޕްޓެމްބަރުން އަންނަ އަހަރުގެ ސެޕްޓެމްބަރަށް ކުރިއަށް ގެންދާ އ.ދ ގެ ޖެނެރަލް އެސެމްބްލީގެ 72 ވަނަ ސެޝަންގެ އެޖެންޑާގައި ހިމަނާނެ ކަންކަމާބެހޭ ގޮތުން ނެގި ވޯޓެކެވެ. މިގޮތުން އެ އެޖެންޑާގައި، ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް (އާރުޓޫޕީ) ހިމަނާނެތޯ ނޫންތޯ މިކަމުގައި ޚިޔާލު ތަފާތުވުންތަކެއް ހުރުމުން އެކަމާގުޅޭ ޕެރެގްރާފަށް ވޯޓަށް އެހުން އެއީ، ރޮހިންޔާ މުސްލިމުންގެ މައްސަލައިގައި ވޯޓަށް އެހުމެއް ނޫނެވެ.

 

  • 14 ސެޕްޓެމްބަރުގައި އ.ދ ގައި ވޯޓަށް އަހާފައިވަނީ ޤަރާރަކަށް ނޫނެވެ. އެއީ ޖެނެރަލް އެސެމްބްލީގެ މަސައްކަތްތަކާ ގުޅޭ ރިޕޯޓެއްގެ ޕެރެގްރާފަކާމެދު އެހުނު ވޯޓެކެވެ. އަދި އެ ވޯޓު ކަރުދާހުގައި އެ ވޯޓު ނެގީ ކޮން ކަމަކާ ގުޅިގެންކަން ވަރަށް ސާފުކޮށް އެނގެން އޮންނާނެއެވެ. އެހެން ކަމުން އެއީ އެކަމުގައި އިތުރު ސުވާލު އުފެދެން ޖެހޭ ކަމެއް ނޫނެވެ. އެދުވަހު ނެގި ވޯޓުގައި މިޔަންމާގެ ނަމެއްވެސް އަދި އަދި އެހެން ޤައުމެއްގެ ނަމެއްވެސް ނެތެވެ.

 

  • މިޔަންމާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ރޮހިންޔާ މުސްލިމުންގެ ޙައްޤުގައި އަބަދުވެސް ދިވެހިސަރުކާރުން ދަނީ އ.ދ ގައި އަޑު އުފުލަމުންނެވެ. މިއަހަރުގެ ތެރޭ ރޮހިންޔާ މުސްލިމުންނަށް ކުރާ އަނިޔާތައް ދުނިޔޭގެ ސަމާލުކަމަށް އައިސް މިވީ ދެތިން މަސްދުވަހުގެ ތެރޭގައި އ.ދ ގައި ރާއްޖެއަށް ލިބުނު ކޮންމެ ފުރުޞަތެއްގައިވެސް ރޮހިންޔާ މުސްލިމުންގެ ޙައްޤުގައި އަޑު އުފުލާފައިވާނެއެވެ. މިގޮތުން، އެންމެ ފަހުން މި ސެޕްޓެމްބަރމަހުގެ 7 ވަނަ ދުވަހު ރާއްޖެއަށް އ.ދ ގައި ބަހުސްކުރަން ލިބުނު ފުރުޞަތުގައިވެސް އެންމެ ބޮޑު އިސްކަމެއް ރާއްޖެއިން ދިން އެއްކަމަކީ ރޮހިންޔާ މުސްލިމުންގެ ޙައްޤުގައި އަޑު އުފުލުމެވެ.

 

  • 7 ސެޕްޓެމްބަރުގައި އ.ދ ގައި ބޭއްވުނު "ޕީސް އެންޑް ސެކިއުރިޓީ" އާ ގުޅޭ ބަހުސްގައި ރާއްޖެ ބައިވެރިވެ، ރޮހިންޔާ މުސްލިމުންގެ ޙައްޤުގައި މުހިންމު ހުށަހެޅުންތަކެއް އ.ދ އަށް ހުށަހަޅާފައިވާނެއެވެ. އަދި  މިދިޔަ 2016 ވަނަ އަހަރު އ.ދ ގެ ޖެނެރަލް އެސެމްބަލީގަޔާއި މި އަހަރު ޖެނީވާއާ ނިއުޔޯކުގައިވެސް އ.ދ ގެ އެކި ޖަލްސާތަކާ ބައްދަލުވުންތަކުގައި ރޮހިންޔާ މުސްލިމުންގެ ޙައްޤުގައި ރާއްޖެއިން އަޑު އުފުލާފައިވާނެއެވެ.

 

  • މި ވޭތުވެދިޔަ 22 ވަރަކަށް އަހަރު މިޔަންމާގެ މައްސަލައިގާ އ.ދ ގައި ބަހުސް ކުރެވެމުންދެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މިޔަންމާގައި ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ރޮހިންޔާ މުސްލިމުންގެ ޙައްޤުތައް ޙިމާޔަތްކުރަން ގޮވާލާ އ.ދ އަށް ހުށަހެޅުނު ކޮންމެ ޤަރާރަކަށްވެސް ރާއްޖެއިން ވާނީ ތާއީދުކޮށް ވޯޓު ދީފައެވެ.

 

  • އ.ދ ގެ އިތުރުން އޯއައިސީއާ ރާއްޖެ ބައިވެރިވާ އެހެން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ތެރެއިންވެސް ރޮހިންޔާ މުސްލިމުންގެ ޙައްޤުގައި ރާއްޖެއިން ވާނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އަދި މިހާރުވެސް ރާއްޖެއިން މިދަނީ ބައިނަލްއަޤްވާމީ މަޝްރަޙުގައި ރޮހިންޔާ މުސްލިމުންގެ ޙައްޤުގައި އަޑު އުފުލަމުންނެވެ.

 

  • ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި މިޔަންމާ ސަރުކާރަށް އައި ބަދަލުތަކާއެކު އެ ޤައުމާމެދު ދުނިޔެ ދެކޭގޮތަށް ހެޔޮ ބަދަލުތަކެއް ދިޔައީ އަންނަމުންނެވެ. އެހެން ނަމަވެސް ރާއްޖެއިން އޭރުއްސުރެވެސް އަޑު އުފުލަމުން މިދަނީ، ރޮހިންޔާ މުސްލިމުންގެ މައްސަލައަށް ޞުލްހަވެރި ޙައްލެއް ނުހޯދޭހާ ހިނދަކު މިޔަންމާއަށް ޞުލްޙަވެރިކަން އައީކަމަށް ޤަބޫލު ނުކުރެވޭނޭ ކަމަށެވެ.

 

  • ރޮހިންޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމާ، އިންސާނިއްޔަތުކަމުގެ ހަމަތަކުގެ މަތީން ރޮހިންޔާ މުސްލިމުންނާ މުޢާމަލާތުކުރުމާ، ރޮހިންޔާ މުސްލިމުންނަށްވެސް މިޔަންމާގައި އެ ޤައުމުގެ ރައްޔިތުންނެކޭ އެއްފަދައިން އެންމެ އަސާސީ ޙައްޤުތައް ލިބިދިނުމާ، ރޮހިންޔާ މުސްލިމުންގެ ދީނީ އަދި ޘަޤާފީ މިނިވަންކަމާ އިޚްތިޔާރު ހޯދައިދިނުމާ، ޤައުމުތަކުގެ ނުފޫޒުގެ މަތިން ކަންކަން ކޮށްދޭގޮތް ދެއްކުމުގެ ބަދަލުގައި އިޚްލާޞްތެރިކަމާ އިންސާފުވެރިކަމާއެކު ރޮހިންޔާ މުސްލިމުންނާމެދު ހެޔޮކޮށް މުޢާމަލާތު ކުރުމަށް މިޔަންމާގެ ސަރުކާރަށް ގޮވާލައި ބާރުއެޅުން، މިއީ މި މައްސަލައިގައި ދިވެހި ސަރުކާރުން ހިފަހައްޓާ ބައިނަލްއަޤްވާމީ ސިޔާސަތެވެ.

 

  • ދިވެހި ސަރުކާރުން ދެކޭގޮތުގައި ރޮހިންޔާ މުސްލިމުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަން ހުއްޓުވައި މި މައްސަލަ އެއް ދުވަހަކަށް، އެއްމަހަކަށް ނޫނީ އެއް އަހަރަކަށް ޙައްލުކުރުމުގެ ބަދަލުގައި މިކަމުގައި ރޮހިންޔާގެ މުސްލިމް އަޚުންނާ އުޚްތުންނަށް ދާއިމީ ޙައްލަކާ އަމާންކަމެއް މުޅި ދުނިޔޭގެ ބާރުއެޅުމާއެކު ހޯދައިދޭން ޖެހޭނެއެވެ.

 

  • މިޔަންމާގެ މައްސަލަތަކާ، ރޮހިންޔާ މުސްލިމުންގެ ޙައްޤުތަކާމެދު އ.ދ ގައި ދެން އެންމެ އަވަހަށް ބަހުސްކުރަން އެޖެންޑާކޮށްފައިވަނީ މިއަހަރުގެ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހު އ.ދ ގެ ތާރޑް ކޮމިޓީ (އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީ) ގައި މިޔަންމާގެ މުސްލިމުންގެ ޙައްޤުގައާއި ރޮހިންޔާ ނަސްލުގެ ޙައްޤުގައި ރާއްޖެއިން އަޑު އުފުލާނެއެވެ. އެ ކޮމިޓީގައި މިކަމާގުޅޭ ޤަރާރު ފާސްކުރުމަށާ، މި މައްސަލަ ޙައްލުކުރުމަށް އ.ދ ވަނުމަށް ރާއްޖެއިން ބާރުއަޅާނެއެވެ.

 

  • ދިވެހިސަރުކާރުން އަބަދުވެސް ޤަބޫލުކުރާ ގޮތުގައި، ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާ ލާއިންސާނީ ޢަމަލުތަކާ، ނަސްލުނައްތާލުމުގެ ޙަރަކާތްތައް ފަދަ ކަންކަމުގައި އެފަދަ ކަންކަން ހިންގާ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނީ އ.ދ ގައި ޤައުމުތަކުން އެއްބަސްވެ ޤާއިމުކޮށްފައިވާ އިޖްރާއަތްތަކުގެ ތެރެއިންނެވެ.

 

  • މިގޮތުން ޤައުމުތަކުގެ ޞުލްޙައާ އަމްނުގެ ކަންކަމާމެދު ބަސްބުނެ ގޮތް ނިންމުމުގެ މަސައްކަތް އ.ދ ގެ އޮނިގަނޑުގެތެރޭގައި މަތިކޮށްފައިވާ އިދާރާއަކީ އ.ދ ގެ ސެކިއުރިޓީ ކައުންސިލްއެވެ. ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނާނީތޯ ނޫންތޯ ގޮތް ނިންމަންވާނީ ސީދާ އ.ދ ގެ ސެކިއުރިޓީ ކައުންސިލްގެ ތެރެއިންނެވެ.

 

  • މިފަދަ ކަމެއްގައި އދ ގެ ސެކިއުރިޓީ ކައުންސިލްއިން ތެދުވާނީ އ.ދ ގެ ޗާޓަރުގެ ޗެޕްޓަރ 6 ، 7 ،8 ގެ ދަށުން ފާސްކުރާ ޤަރާރަކުންނެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާ އުޞޫލުގެ ތެރޭގައި، ޤައުމުތަކުގެ ދާޚިލީ ކަންކަމާ ގުޅިގެން ފިޔަވަޅުއަޅަން އޮންނަ އިޖްރާއަތެވެ. މި އިޖްރާއަތު މިގޮތަށް ދަމަހައްޓަން ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެއެވެ.

 

  • އ.ދ ގެ ސެކިއުރިޓީ ކައުންސިލުގެ ނިންމުމަކާ ނުލައި، ޤައުމުތަކުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް އެކި ނަންނަމުގައި ވަކިވަކި ޤައުމުތައް ވަދެ، އަތްގަދަކުރަން ފުރުޞަތު ލިބޭ ފަދަ ނިންމުންތަކަށް ތާއީދުކުރުމަކީ އެއް އިރެއްގައިވެސް ދިވެހި ސަރުކާރުން ގެންގުޅުނު ސިޔާސަތެއް ނޫނެވެ.

 

  • ރާއްޖެއަކީ ބައިނަލްއަޤްވާމީ މަސްރަޙުގައި ކުރަމުންމިދާ މަސައްކަތްތަކުގައި އެހެން ޤައުމުތަކުގެ އިޙްތިރާމް ލިބިފައިވާ ޤައުމެކެވެ. މިގޮތުން 2019 އިން 2020 ވަނަ އަހަރަށް އ.ދ ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރަކަށް ރާއްޖެވުމަށް ކުރާ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. ސެކިއުރިޓީ ކައުންސިލްގެ މެންބަރަކަށް ރާއްޖެވާން ފެނޭތޯ އަންނަ 2018 ވަނަ އަހަރު ނަގާ ވޯޓް އިރާދަކުރެއްވިއްޔާ ރާއްޖެއިން ކާމިޔާބުކުރާނެއެވެ.

 

  • އ.ދ މަޖިލީހުގައި ބުނަންޖެހޭ އެއްޗެއް ބުނުމަށް އަދި ކުރަންޖެހޭ އެއްވެސް ކަމެއް ކުރުމަށް ރާއްޖެއަކުން ފަހެއް ނުޖެހޭނެއެވެ. ރާއްޖެއިން އ.ދ ގައި ދޭ ވޯޓަކަށް އަދި ބުނާ ބަހަކަށްވެސް އެއްވެސް އެހެން ޤައުމަކަށް ނުފޫޒެއް ނުފޯރުވޭނެއެވެ.

 

  • ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އުޞޫލުތަކަކީ ދުނިޔޭގެ ޤައުމުތަކަށް ވަރަށް ސާފު އަދި ވަރަށް ހާމަކަންބޮޑު އުޞޫލުތަކެކެވެ. ދިވެހި ދައުލަތާ ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް އެންމެ މަންފާހުރި މަގުން އަޑު އުފުލާ ކަންކަން ތަންފީޒުކުރަން ބާރުއެޅުމުގައި ދިވެހި ޚާރިޖިއްޔާ އަބަދުވެސް ދެމިއޮންނާނެއެވެ.
  • ރާއްޖޭގެ ޚާރިޖީ ސިޔާސަތާމެދު މަޢުލޫމާތު ފަތުރާ މީޑިއާތަކުން އެފަދަ ޚަބަރުތައް ފެތުރުމުގައި މި ދާއިރާގައި ކަން ހިނގާގޮތް ރަނގަޅަށް އޮޅުންފިލުވައި، ކަންކަމުގެ މަޢުލޫމާތު ފުރިހަމައަށް ހޯދައި، ފުރިހަމައަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ޒިންމާއެކެވެ.

 

 

18 ސެޕްޓެމްބަރު 2017