ސްވިޓްޒަރލޭންޑް,  ޖެނީވާ

އ.ދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 36 ވަނަ ސެޝަން  ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ހުންނަ އދ. މަރުކަޒުގައި މިއަދު ފެށިއްޖެއެވެ. 3  ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން ނިމެނީ ސެޕްޓެމްބަރު މަހުގެ 29 ވަނަދުވަހުއެވެ. މިފަހަރުގެ ސެޝަން ފެށިގެން ދިޔައީ، އެލްސެލްވެޑޯގެ ސަފީރު އަދި އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ ރައީސް، ހިޒް އެކްސަލަންސީ ޖޮކުއިން އެލެކްސެންޑާރ މާޒާ މާރޓެލީ ކައުންސިލްގައި ކުރެއްވި ތަޤްރީރާއެކުއެވެ.

މިސެޝަންގައި، ހިޒް އެކްސެލަންސީ ޒައިދް ރައާދް އަލް ހުސައިން، ހައިކޮމިޝަނަރ ފޮ ހިއުމަން ރައިޓްސް، ދުނިޔޭގައި އެކިކަންކޮޅުތަކުގައި ހިންގަމުން އަންނަ އިންސާނީ ހައްޤުތަކާގުޅުން ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވާ، ކައުންސިލްގައި ތަޤްރީރު ކުރެއްވިއެވެ. ކައުންސިލްގެ 36 ވަނަ ސެޝަންގައި، ދުނިޔޭގެ އެކިކަންކޮޅުތަކުން އިއްޒަތްތެރިން ބައިވެރިވެވަޑައިގެން ތަޤްރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަދުގެ ވަގުތެއްގައި، ޤަތަރު، ވެނެޒުއޭލާ އަދި ފިންލެންޑްގެ ޚާރިޖީ ވަޒީރުގެ އިތުރުން، އިނގިރޭސިވިލާތް އަދި ބޮލީވިއާގެ ސްޓޭޓް މިނިސްޓަރުން ކައުންސިލްއާ މުޚާޠަބް ކުރައްވާ ވާހަކަފުޅު ދައްކަވާނެއެވެ. އަދި، ކެމްބޯޑިއާގެ ހިއުމަން ރައިޓްސް ކޮމިޓީގެ ރައީސްވެސް ކައުންސިލްއާ މިއަދު މުޚާޠަބް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ހަފްތާގެ ތެރޭގައި އާސިއާން ގްރޫޕުގެ ސެކްރެޓެރީ ޖެނެރަލް ލެ ލުންގް ވިން ވެސް ކައުންސިލްގައި ތަޤްރީރު ކުރައްވާނެއެވެ.

 އެހެން ސެޝަންތަކޭކޭ އެއްފަދައިން، މި ސެޝަންގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގަންނަވާ ވަފުދުން ކައުންސިލްގެ ޕްރޮގްރާމް އޮފް ވާރކްގައި ހިމެނޭ އެކި ބައްދަލުވުންތަކުގައި ވަރަށް ފުރިހަމައަށް ބައިވެރިވާނެއެވެ. މިގޮތުން، ޕްރޮގްރާމް އޮފް ވާރކްގައި ހިމެނޭ އަންހެނުންގެ ހައްޤުތަކާބެހޭ ދެ ޕެނެލްއެއްގެ މަޝްވަރާތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ފަރާތުން ސްޓޭޓްމަންޓް ދެއްވާނެއެވެ. މީގެ އިތުރުން، ސްޓޭޓްމަންޓް ދިނުމަށް ހަމަޖެހިފައިވާ ބައެއް އެޖެންޑާ އައިޓަމްތަކުގެ ތެރޭގައި ހިމެނެނީ، އިންޓެރެކްޓިވް ޑައިލޮގް އޮން ރައިޓް ޓު ވޯޓާރ އެންޑް ސެނިޓޭޝަން، ރައިޓްސް އޮފް އޯލްޑަރ ޕާރސަންސް ،ރައިޓް ޓު ޑިވެލޮޕްމަންޓްއެވެ. އަދި، ސްޓޭޓްސް ޔުނިވާރސަލް ޕީރިއޮޑިކް ރިވިއުއާ ގުޅޭ އެޖެންޑާ އައިޓަމްގައިވެސް ދިވެހިރާއްޖެއިން ސްޓޭޓްމަންޓް ދޭނެއެވެ.  

 ހަމައެއާއެކު، ދުނިޔޭގައި ހިނގަމުން އަންނަ ލާ އިންސާނީ އަމަލުތަކާބެހޭ ގޮތުން، ރާއްޖެއިން އެހެން ރީޖަނަލް ގްރޫޕްސް ތަކުގައި އަޑު އުފުލާފައިވާ ފަދައިން، މި ސެޝަންގައި ހިމެނޭ މިކަމާ ގުޅުންހުރި މައުޟޫޢުތަކުގައިވެސް ދިވެހި ރާއްޖޭގެ ފަރާތުން ސްޓޭޓްމަންޓް ދޭނެއެވެ. މީގެ ތެރޭގައި، މިޔަންމާގައި ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ ހިނގަމުން އަންނަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލާ ސްޓޭޓްމަންޓެއްގެ އިތުރުން، ސީރިއާ އާއި ފަލަސްތީންގައި ހިނގަމުން އަންން އިންސާނީ ހައްޤުތަކާ ޚިލާފް ޢަމަލުތައް ހުއްޓުވުމަށް ގޮވާލާ ސްޓޭޓްމަންޓެއް ދެވޭނެއެވެ.  

 ޔޫއެން. ހިއުމަން ރައިޓްސް ކައުންސިލްގައި ދިވެހިރާއްޖެއިން އިސްކަންދޭ ކަންތައްތަކުގެތެރޭގައި ހިމެނެނީ އަންހެނުންގެ ހައްޤުތައް، ކުޑަކުދިންގެ ހައްޤުތައް، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި، އަދި ރޫލް އޮފް ލޯ އަދި ޑިމޮކްރަސީ އެވެ. މިގޮތުން، މި މަޢުލޫތުތަކާއި ގުޅުންހުރި ކައުންސިލްގައި މަޝްވަރާ ކުރެވިގެންދާނެ ޤަރާރުތައް ދިވެހިރާއްޖެއިން ކޯސްޕޮންސަރ ކުރުމުގެ އިތުރަށް މި ޤަރާރުތަކާބެހޭ މަޝްވަރާ ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން ބައިވެރިވާނެއެވެ.

 36 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގެ އެންމެ އިސް ވެރިއަކަށް ހުންނަވާނީ، ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ޙާލާ ޙަމީދެވެ. އަދި އެ އެކަމަނާއެކު، އެ އޮފީހުގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޖެފްރީ ސާލިމް ވަހީދު އަދި ފަސްޓް ސެކްރެޓަރީ، އާއިޝަތު ޝަހުލާ ބައިވެރިވާނެއެވެ.

 އ.ދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ދެ ދައުރުގެ 6 އަހަރު މެމްބަރުކަން ކުރުމަށްފަހު، މިއަހަރު ދިވެހިރާއްޖެއިން ވަނީ މެންޑެޓަރީ ބްރޭކެއް ނަގާފައެވެ. ހިއުމަން ރައިޓްސް ކައުންސިލްއަކީ 47 މެންބަރުން ހިމެނޭ، ދުނިޔޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ބާރުއެޅުމަށް އަދި އެކަމާގުޅޭ އެންމެ އިސް މަޝްވަރާތަކާއި ނިންމުންތައް ނިންމޭ ކައުންސިލެވެ.