2 އޯގަސްޓް 2017 - މާލެ،

ކެނެޑާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސް ޝެލީ ވައިޓިންގ، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމްގެ އަރިހަށް ވަދާޢީ ޒިޔާރަތްކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޑރ. ޢާޞިމް ވަނީ މިސް ވައިޓިންގގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ދެމެދު ބޭއްވެވި ގާތްކަމަށް ވަރަށް

ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން، ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މިނިސްޓަރ ޢާޞިމް އާއި ސަފީރު މަޝްވަރާކުރެއްވިއެވެ. މިސް ވައިޓިންގ ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ކެނެޑާއިން ތާއިދުކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި، ކެނެޑާ ފަންޑް ފޯ ލޯކަލް އިނީޝިއޭޓިވްސްގެ ދަށުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ވަނީ ހާމަކުރައްވާފައެވެ.

މިބައްދަލުވުމުގައި، ފޮރިން މިނިސްޓަރގެ އަރިހުގައި ސެކްރެޓަރީ ބައިލެޓްރަލް، އަލްފާޟިލް އަހުމަދު ޚަލީލާއި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ ޝިއުނީން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.