ދިވެހިރާއްޖޭގެ މިނިވަން ކަމަށް 52 އަހަރު ފުރުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ޖޭ.ޑަބްލިޔު. މެރިއޮޓް ހޮޓެލްގެ ބޯލްރޫމްގައި ބޭއްވި މިހަފްލާ ޝަރަފްވެރިކޮށްދެއްވީ މެލޭޝިޔާގެ މިނިސްޓަރ އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ނާއިބް ދި އޮނަރަބަލް ދާތުކް ވީރާ ޑރ. އަބޫ ބަކަރ މުހައްމަދު ދިއާއެވެ. މިރަސްމިއްޔާތު ފެށުމުގެ ގޮތުން އެންމެ ފުރަތަމަ އޮތީ ހަފްލާގެ ޝަރަފްވެރި މެހެމާނާއި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުހައްމަދު ފަހުމީ ހަސަން ހާއްސަ ދުއާއެއް ދެއްނެވުމެވެ.

ވޭތުވެދިޔަ ދެ އަހަރު މިހަފްލާ ބާއްވާފައިވަނީ މެލޭޝިޔާގައި ދިރިއުޅުއްވާ ދިވެހިންނަށް އެކަނިކަމުގައި ވީނަމަވެސް މިއަހަރުގެ ހަފްލާ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ބާއްވާފައިވަނީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ޑިލްޕޮމެޓިކް ކޮމިއުނިޓީ އާއި މެލޭޝިޔާގެ ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ އިސްބޭފުޅުންނާ އަދި ވިޔަފާރި ވެރިންނަށްވެސް ދަޢުވަތު ދީގެން އެހެން ފަހަރު ތަކަށްވުރެ ކުލަގަދަކޮށެވެ. މިގޮތުން މިފަހަރުގެ ހަފްލާ ބާއްވާފައިވަނީ "ޕްރޮމޯޓިންގ ޓޭސްޓްސް އެންޑް ކަލަރސް އޮފް މޯލްޑިވްސް" މި ޝިޔާރުގެ ދަށުންނެވެ. އަދި ހަފްލާ އިތުރަށް މުށްސަނދި ކުރުމަށްޓަކައި މިހަފްލާއަށް ވަޑައިގެންނެވި ބޭރުގެ ބޭފުޅުއްނަށް ދައްކާލުމަށްޓަކައި އެންޒީގެ ހެޔޮއެދުންތަކާއެކު ބޮޑު ދެ ކަންނެލި ބޯލްރޫމް ތެރޭ ބެހެއްޓުމަށްޓަކައި ރާއްޖެއިން ގެނެވިފައިވެއެވެ. އަދި މިހަފްލާއިން ތާޒާ ކަނޑުމަސް ފިހެވެން ހުރުމާއި ދިވެހި ކެއުން ހިމެނޭ ކޯނަރއެއް ހުރުން ވެގެން ދިޔައީ ވަޑައިގެންނެވި ބޭފުޅުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަކަށެވެ. ހަމަ އެއާއެކު މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސްގެ އެހީތެރިކަމާއެކު ރާއްޖޭގެ ދެ ރިޒޯޓެއް ކަމުގައިވާ ފުރަވެރި އައިލަންޑް ރިސޯޓް އެންޑް ސްޕާ އާއި ވެލިގަނޑު އައިލަންޑް ރިސޯޓު  އެންޑް ސްޕާގެ ފަރާތުން ލިބިފައިވާ ހޮލިޑޭ ދެ ޕެކޭޖް ހަފްލާއަށް ވަޑައިގެންނެވި ބޭރުގެ ބޭފުޅުންގެ މެދުގައި ގުރެއް ނެގި ހޮވުނު ދެ ފަރާތަށް އިނާމް ރައްދު ކުރެވިފައިވެއެވެ.

އަދި އެއަރ އޭޝިޔާގެ ފަރާތުން ހަދިޔާ ކޮށްފައިވާ މެލޭޝިޔާ މާލެ ދެކޮޅު ތިން ޓިކެޓް ވަޑައިގެންނެވި ދިވެހިންގެ މެދުގައި ގުރުއަތުލުމެއް ބާއްވާ ހޮވުނު ތިން ފަރާތަށްވަނީ ހަވަލުކުރެވިފައެވެ. މިހަފްލާ މިހާ ކުލަގަދަކޮށް ބޭއްވިގެން ދިއުން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއާއި މެލެޝިޔާ ސަރުކާރާއި ދެމެދުގައި އޮންނަ ގާތް ގުޅުމެވެ. އަދި ހަމައެއާއެކު ރައީސުލްޖޫމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން މި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ އިޤްތިސާދީ ކުރިއެރުމެވެ.

މި ހަފްލާ އިތުރަށް މުއްސަނދި ކޮށްދިނީ އަހްމަދު ފަސީހް، އަކްޘަމް މައުމޫން، މުހައްމަދު އަނާދު ހުސެއިން އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ފުރިހަމަ ހުށަހަޅާދިން ތަކުންނެވެ. ހަމައެއާއެކު މެލޭޝިޔާގެ މާޒް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ފަރާތުން މިހަފްލާގައި ދިވެހި ސަޤާފީ ދެ ނެށުން ހުށަހަޅާދިނުންވެސް އޮތެވެ. ދިވެހި ރަހަތަކާއި ކުލަތަށް ވަރަށް ބޮޑަށް ފެނިގެންދިޔަ މިހަފްގައި ހަތަރު ސަތޭކައެއްހާ މީހުން ބައިވެރިވިއެވެ.