ދިވެހިރާއްޖޭގެ 52 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުލަގަދަ ހަފްލާއެއް ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ފާހަގަކޮށްފިއެވެ. އަދި ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްއަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދުވެހުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިން ޖަރުމަނުވިލާތައް ކަނޑައަޅުއްވަވާފައިވާ ހުންނަވާ ސަފީރު އަލްފާޟިލާ ޖަމީލާ އަލީ ޚާލިދު، ޖަރުމަނުވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހިރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ.

މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ބޭއްވެވި މިހަފްލާގައި ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލާ ޖަމީލާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާ ޖަރުމަނުވިލާތާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުމުގެ މައްޗަށް އަލިއަޅުއްވަވާލެއްވިއެވެ. މިގޮތުން ދެޤައުމު ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް މިއަހަރު 51 އަހަރު ފުރޭ ކަމަށާއި، 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވިގެންދިޔަކަމަކީ މިގުޅުން އިތުރަށް ވަރުގަދަވެގެންދިޔަކަމެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާ ޖަރުމަނުވިލާތާ ދެމެދު ވޭތުވެދިޔަ 51 އަހަރުގެ ދިގު ޑިޕްލޮމެޓިކް ގުޅުމަކީ ދެޤައުމު ދެމެދު އޮންނަ އެކުވެރިކަން ސާބިތުކޮށްދޭ ކަމެއްކަމަށާއި ޚާރިޖީ ދާއިރާގައި ދިވެހިސަރުކާރުން ޖަރުމަނު ވިލާތައްދޭ މުހިންމުކަން ސިފަވެގެންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ހަމައެހެންމެ، ޖަރުމަނުވިލާތުން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ވެދެއްވާ އެހީތަކަށް ޝުކުރުދެންނެވިއެވެ. އަދި ވަކިން ޚާއްސަކޮށް ޖަރުމަނު ވިލާތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދެއްވާ އަހަމިއްޔަތު އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން ޖަރުމަނުވިލާތުގެ ރައްޔިތުން ރާއްޖެއަށް ވަޑައިގަންނަވަނީ ހަމައެކަނި ފަތުރުވެރިންގެ ސިފައިގައި ނޫންކަމަށާއި އެޤައުމުގެ ގިނަ ރައްޔިތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންގެންދަވާކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޖަރުމަނުވިލާތުން ރާއްޖެއަށް ވެދެއްވާ އިޤްތިޞާދީ އެހީ ފާއިތުވެފައިވާ އަހަރުތަކުގައި އިތުރުވެފައިވާކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން ޖަރުމަނުވިލާތުގެ އެކި ކުންފުނިތަކުން ޖުމްލަ 150 މިލިއަން ޔޫރޯއަށްވުރެ ގިނަ އަދަދަކަށް ރާއްޖޭގެ އެކި ދާއިރާތަކުގައި އިންވެސްޓްކޮށްފައިވާކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ 10 މިލިއަން ޔޫރޯއަށްވުރެ ގިނަ އަދަދެއްގެ މުދާ ރާއްޖެއިން ޖަރުމަނުވިލާތަށް އެކްސްޕޯޓްކުރަމުންގެންދާކަމަށާއި، މިމުދަލުގައި ގިނައީ ކަނޑުމަހުގެ ބާވަތްތައްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ ފާއިތުވެދިޔަ އަހަރުގައި ދިވެހިރާއްޖެއިން ޖަރުމަނުވިލާތައް އެކްސްޕޯޓް ކޮށްފައިވާ މުދަލުގެ އަގު 40 މިލިއަން ޔޫރޯއަށް އަރާފައިވާއިރު، މިއަހަރު މިއަދަދު އިތުރުވެގެންދާނޭކަމަށް އެކަމަނާ ލަފާފުޅުކުރެއްވިއެވެ.

ބާލިންގެ ހޮޓެލް އެޑްލޮންގައި ބޭއްވި މިހަފްލާގައި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ރަސްމީ ވެބްސައިޓްވެސްވަނީ ލޯންޗްކުރައްވާފައެވެ. މިހަފްލާއަށް ޖަރުމަނުވިލާތުގެ ފެޑެރަލް ފޮރިން އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އޮފް ދަ އޭޝިއާ އެން ދަ ޕެސިފިކް މެޑަމް އިނާ ލެޕަލް އަދި އެއޮފީހުގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ސަފީރުންނާއި ޓޫރިޒަމް ޕްރޮމޯޓަރުންގެ އިތުރުން ޖަރުމަނުވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ގިނަ އަދަދެއްގެ ދިވެހިރައްޔިތުންވެސް ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލާ ޖަމީލާ ޢަލީ މިހަފްލާ ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް އެހީތެރިވެދެއްވި ސްޕޮންސަރ ކަމަށްވާ ޖުމެއިރާ ވިއްޓަވެލިއަށް ވަރަށް ޚާއްސަ ޝުކުރެއްއަދާކުރެއްވިއެވެ. މިގޮތުން ޖުމޭރާ ވިއްޓަވެލިން މިހަފްލާ ފާހަގަކުރުމަށް ފައިސާގެ އެހީގެ އިތުރުން ހަފްލާގައި ނެގި ލަކީ ޑްރޯއިން ހޮވިވަޑައިގަތް ފަރާތަކަށް އެރަށުގައި ހަފްތާއަކަށް ހުރުން އެފަރާތުންވަނީ ސްޕޮންސާކުރައްވާފައެވެ. މީގެއިތުރުން މިހަފްލާއަށް ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް. ޓީ. އޯ.) އިން މިހަފްލާއަށް ފެލިވަރު މަސްދަޅު ހަދިޔާކުރައްވާފައިވާތީ އެސް. ޓީ. އޯ. އަށްވެސް ޚާއްސަ ޝުކުރުދެންނެވިއެވެ.

ނިމުނީ