ޖުލައި 26 ، 2017

 ދިވެހިރާއްޖޭގެ 52ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ކުރިއަށްދާ އެކިއެކި އިޙްތިފާލްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެވަޑައިގެން  ތިއްބެވި ބޭރު ޤައުމުތަކުގެ ސަފީރުންގެޝަރަފުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުޙައްމަދު ޢާޞިމް، ހެނދުނުގެ ޚާއްސަ ނާސްތާއެއް ދެއްވައިފިއެވެ. މިއަދު ހެނދުނު ސިޓްރޮން ރެސްޓޯރެންޓްގައި ބޭއްވި މި ނާސްތާގައި ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ،  ދިވެހި ދައުލަތުގެ ބައެއް  ސަފީރުންނާއި، ފޮރިން މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވޭތުވެދިޔަ 52 އަހަރު ދުވަހުގެ ތެރޭގައި މިނިވަން ޤައުމެއްގެ ގޮތުގައިއޮވެ، ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މި ކާމިޔާބީ ހޯދުމުގައި ރާއްޖޭގެ އެކުވެރި ރަޙްމަތްތެރި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޚާއްޞަކޮށް ރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު މިއޮންނަ ގުޅުން ބަދަހިކޮށް ހަރުދަނާ ކުރެއްވުމުގައި ސަފީރުން އަދާކުރައްވާ ދައުރަށް ޝުކުރު އަދާކުރެވިއެވެ.  

ބޭރު ޤައުމުތަކުގެ ސަފީރުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި ސަރުކާރާ ރައްޔިތުންނަށް ފޮނުވާ ކަމަށް ވިދާޅުވެ، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަރާފައިވާ މިންވަރާ، ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ލިބިފައިވާ ކުރިއެރުން ފާހަގަކުރައްވާ އެކަމަށް ތަޢުރީފްކުރެއްވިއެވެ.