25 ޖުލައި 2017

ދިވެހިރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމުކޮށްދެއްވާނެކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފް އިޢުލާނުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުވަތަކަށް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ވެރިން އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުގައި ޞިއްޙީ ދާއިރާއާއި، އިންޖިނިއަރިންގއާއި، ފާމަސީ އަދި ޑެންޓިސްޓްރީ ހިމެނޭގޮތަށް މަތީ ތަޢުލީމް ހާސިލްކުރުމަށް ދަރިވަރުންނަށް އިތުރު ސްކޮލަރޝިޕް ފުރުޞަތު ފަހިކޮށްދޭން އެޤައުމުގެ ސަރުކާރުން ނިންމާފައިވާކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތައް ވަރަށް ކާމިޔާބުކަމުގައި ވިދާޅުވެ، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ކުރިޔަށް އޮތްތާނގައި ތަފާތު ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމުގައިވެސް ވިދާޅުވިއެވެ. މީގެ ތެރޭގައި ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދު ކުރައްވާ ކަމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

މިރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޖޮއިންޓް ބިޒްނަސް ކައުންސިލަކާއި، ޖޮއިންޓް ވަރކިންގ ގްރޫޕް އޮން ޓްރޭޑް އެކުލަވާލުމަށް ދެ ޤައުމުން ވެސް އެއްބަސްވެވަޑައިގެންފައިވާކަމުގައި ވިދާޅުވެފައެވެ. މިގޮތުން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކަކީ ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދެވޭނެ އެއްބަސްވުންތަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.