25 ޖުލައި 2017، މާލެ

 ފަލަސްތީން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ދާތޯ ޑރ. އަންވަރު އަލް އަޤާ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މިނިސްޓަރ އާސިމް އާއި ސަފީރު މަޝްވަރާކުރެއްވިއެވެ.

 

މި ބައްދަލުވުމުގައި ފަލަސްތީނުގެ ސަފީރު އެޤައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާގުޅޭގޮތުން، ޙާއްސަކޮށް މަސްޖިދުލް އަޤްޞާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ބެހޭގޮތުން މަޢުލޫމަތު ޙިއްސާކުރެއްވިއެވެ.

 

މިބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު، ފާތިމަތު އިނާޔާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ، ޢަބްދުލްވާރިޘް ސަޢީދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.