ޗައިނާގެ ކުންމިންގް ގައި އޮންނަ ކުންމިން އިމްޕޯޓާއި އެކްސްޕޯޓާއި ބެހޭ ގޮތުން ބާއްވާ އެކްސްޕޮޒިޝަންގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މިކަން މީޑިއާއާއި ހިއްސާ ކުރައްވަމުން ދުންޔާ ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހު ރައީސް ޔާމީން ރަސްމީ ދަތުރުފުޅެއްގައި، މިއެކްސްޕޮޒިޝަންގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާނެކަމަށެވެ.

މިއެކްސްޕޮސިޝަނަކީ ވަރަށް މުހިއްމު ޖަލްސާތައް ބާއްވައި، ވަރަށް ގިނަ ޤައުމުތަކުގެ ވަފްދުތައް ބައިވެރިވާނެ އެކްސްޕޯއެއް ކަމަށާއި މި އެކްސްޕޯއަށް ރައީސް ޔާމީންއަށް ދަޢުވަތު ދެއްވާފައިވަނީ ޚާއްސަ މެހުމާނެއްގެ ގޮތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިދަޢުވަތު ސީދާ ރައީސްގެ އަތްޕުޅަށް އެރުއްވުމަށްޓަކައި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ރާއްޖެ އަށް ދަތުރުފުޅުކުރެއްވިކަން ދުންޔާ ފާހަގަކުރެއްވިއެވެ.

ދުންޔާ ވިދާޅުވީ ޗައިނާގައި ބާއްވާ މި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ އިކޮނިމިކް މިނިސްޓަރު މުހައްމަދު ސަޢީދު، މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށާއި މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ވިޔަފާރިވެރިންގެ ވަފުދެއްވެސް ދަތުރުކުރައްވާނެ ކަމަށެވެ.

މިއަދުގެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ދުންޔާ ވަނީ މާދަމާ އެކަމަނާ ޤަތަރަށް ކުރައްވާ ދަތުރުފުޅާ ބެހޭގޮތުން ވެސް މައުލޫމާތު ދެއްވާފައެވެ. މި ދަތުރުފުޅު ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނުގެ ޚާރިޖީ ސިޔާސަތާ އެއްގޮތަށް އިސްލާމީ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ކަމަށާއި ދަތުރުފުޅުގައި ގަތަރު ސަރުކާރާ އެކު މަޝްވަރާ ކުރައްވާނީ ރާއްޖޭގެ ރައްޔިތުންނަށް ވީހާ ވެސް ލުއި ގޮތަކަށް ކަންކަން ހަމަޖެއްސެވުމާއި މެދު ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. މިގޮތުން ވިސާގެ ކަންތައްތައް ފަސޭހަ ކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށް ދުންޔާ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ދުންޔާ ވަނީ ދާދި ފަހުން ބޭއްވުނު އޯ.އައި.ސީ ސަމިޓާ ބެހޭގޮތުންވެސް މައުލޫމާތު ދެއްވާފައެވެ.

މި އަހަރުގެ ބައްދަވުން އޮތީ މެއި މަހުގެ 27 އިން 28 އަށް ކުވައިތުގައެވެ. މިސަމިޓުގައި މައިގަނޑުގޮތެއްގައި ދިވެހިރާއްޖޭގެ ފަރާތުން ވަކާލާތުކުރީ ޓެރަރިޒަމް ހުއްޓުވުމުގެ މުހިންމު ކަމާއި ގުޅޭގޮތުން މަސައްކަތްކުރުމާއި ބެހޭގޮތުންނާއި ޓެރަރިސްޓުން ދުނިޔޭގެ ޗާޓު އަލުން ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމާއި ބެހޭގޮތުންނެވެ.

އަދި މީގެ އިތުރުން ޓެރަރިސްޓު ގުރޫޕްތަކުން ސީރިއާ އަދި އިރާޤަށް ދޭ ހަމަލާތަކުގެ މައްޗަށާއި މުސްލިމުންނަށްދޭ އަނިޔާތަކުގެ މައްޗަށް ވެސް މަޝްވަރާކުރެވުނެވެ. އަދި ހަމަ އެހެންމެ، ހުޅަނގުގެ ޤައުމުތަކުން، މުސްލިމުންނަށް ވީތީ ކުރިމަތިކުރަމުންދާ ތަފާތުން ކުރުންތަކުގެ މައްޗައްވެސް އަލިއަޅުވާލެވުނެވެ.ޗައިނާ-ދެކުނު އޭޝިއާ 3 ވަނަ އެކްސްޕޮސިޝަނުގައި ޚާއްޞަ މެހުމާނެއްގެ ގޮތުގައި ރައީސް ޔާމިން ވަޑައިގަންނަވާނެކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެ