12 ޖުަލައި 2014؛ ފަލަސްތީނުގައި ހިނގަމުންދާ ލޭއޮހޮރުވުމަށް ނިމުމެއްނައިސް ކުރިއަށްދިއުމަކީ ހިތްތަކަށް ކެތްކުރެވޭނެވަރުގެ ކަމެއްނޫން ކަމަށާއި އެކަމަށް ވަގުތުން ހައްލު ހޯދުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ވަރަށް މުޙިއްމު މަސްއޫލިއްޔަތެއްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ގާޒާއަށް އިޒްރޭލުން ގެންދާ ޢުދުވާނީ ހަމަލާގައި ކުށެއްނެތް އެތަކެއް ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން މަރުވަމުންދާއިރު އެމީހުން ސަލާމަތްކުރުމަށް ދުނިޔޭގެ ޤައުމުތަކުން އެކަށީގެންވާ މަސައްކަތަކެއް ނުކުރެވޭތީ އެކަމަށް ރާއްޖެއިން ހިތާމަކުރާކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. އަދި ގާޒާގައި ހިނގާ ހަމަނުޖެހުމަކީ ބައިނަލްއަގްވާމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށާއި އެކަމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އަޅަންޖެހޭނެކަމަށް ވެސް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ.