9 މާރޗް 2014؛ ކޮމަންވެލްތަކީ މިހާރަށްވުރެ ބޭނުންތެރި، އިންސާފާއެކު މަސައްތަކްކުރާ، މެމްބަރު ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ޖަމުއިއްޔާއަކަށް ހެދުމަށާއި، މިހާރަށްވުރެބޮޑަށް ދެފުށްފެންނަ، ޖަވާބުދާރީ ކުރެވޭ ނިޒާމަކަށް މަސައްކަތްކުރާ ޖަމުއިއްޔާއަކަށް ހެދުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނު ގޮވާލައްވައިފިއެވެ. އެކަމަނާ މިގޮތަށް ގޮވާލެއްވީ، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންގެންދާ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. މިނިސްޓަރ ދުންޔާގެ މެސެޖުގައި އިތުރަށްވިދާޅުވީ، ކޮމަންވެލްތުގެ ކުދި ޤައުމުތަކަކީ އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ފުދުންތެރި ގައުމުތަކަށް ހެދުމަށްޓަކައި ކޮމަންވެލްތުން މިހާރަށްވުރެ ބޮޑު އިސްކަމެއްދީގެން މަސައްކަތްކުރުމަށް ދިވެހިރާއްޖޭން ބާރުއަޅާނެކަމަށެވެ.


މިނިސްޓަރ ދުންޔާގެ މެސެޖުގައި ވިދާޅުވީ، އެކަމަނާ ގަބޫލުކުރައްވާގޮތުގައި ކޮމަންވެލްތު ދެމިއޮންނާނީ ރައްޔިތުންގެ ޖަމްއިއްޔާއެއްގެ ގޮތުގައިކަމެވެ. މެމްބަރު ޤައުމުތަކުގެ ރައްޔިތުންގެ ހިތުގެ ވިންދާއި ގުޅިލާމެހިފައިވާ ޖަމްއިއްޔާއެއްގެ ގޮތުގައިކަމެވެ. މެންބަރު ގައުމުތަކުގައި ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، މުއައްޞަސާތައް ތަރައްގީ ކުރުމަށާއި، ޤާނޫނީ ހިންގުން ދެމެހެއްޓުމަށް އެހީވާ ޖަމުއިއްޔާ އަކަށް ކޮމަންވެލްތުވުމެވެ. އަދި ވަކީން ޚާއްޞަކޮށް، މެމްބަރުގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި އެގައުމުތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް އެހީތެރިވާ ޖަމްއިއްޔާއަކަށް ކޮމަންވެލްތު ވުމެވެ. ކޮމަންވެލްތުގެ ޢާއިލާގައި ހަމަހަމަކަން އޮތުމަކީ، އަޅުގަނޑުމެން ކޮމަންވެލްތުގެ އައު ޗާޓަރުގައި ހިމެނޭ އުސޫލުތަކުގައި ހިފެހެއްޓުމަށް ބާރުއެޅޭނެ އެންމެ މުހިންމު އެއްކަމެވެ.